
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޓެކްސީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި، މި ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް އޮފީހުން ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ބައްދަލުވުމުގައި ޓެކްސީގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކާއި، އެ ހިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީ ކުރުމަށް ގެނެވޭ ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކު ކުރުމުގެ އިންތިޒާމުތައް ކުރީއްސުރެ ހިނގަމުން އައި ގޮތަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މާލޭގެ ޓްރެފިކް މައްސަލަތައް މަދުކުރުމަށް މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ހިޔާލުފާޅުކޮށް، މަޝްވަރާކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭގޮތުން ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުގެ ހިޔާލުތައް ރައީސްއަށް ހިއްސާކުރައްވާފައިވެއެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ދަފްތަރާ ގުޅޭގޮތުން ވެސް ވަނީ ފައިދާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސް ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންކަން ރަނގަޅުކުރެއްވުމަށްޓަކައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ފަހިކޮށްދެއްވުމަށް ސަރުކާރުން ވިސްނަވާ މުހިންމު ބައެއް ކަންކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުވައިލެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތައް ޝާމިލްވާގޮތަށް، ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ފާހަގަކުރެއްވި ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.