navLogo

ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ: 344 ދަރިވަރުން ފާސްވި

ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ: 344 ދަރިވަރުން ފާސްވި
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން" ގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމު އިފްތިތާޙުކުރެއްވީ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެއްގެ ގޮތުގައި ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބުރުގެ ޓްރެއިނިންތައް ފެށީ 350 ދަރިވަރުންނާއެކުގައެވެ.

ޅ. މާފިލާފުށީގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. ދަސްވެނިވި ދަރިވަރުންގެ ޝަރަފުގެ ހިނގާލުންވެސް މި ރަސްމިއްޔާތުގައި ވަނީ ބާއްވާފައެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ ފަދަ މުހިންމު ދާއިރާތަކުން ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދުޅަހެޔޮކަން އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނުވެސް ވަނީ ދެވިފައެވެ. ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މި ތަމްރީނުގައި ހިމެނުނެވެ.

ދިފާޢީ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، ފުރަތަމަ ބުރު ނިންމައި މިހާރު ވަނީ ދެވަނަ ބުރު ފެށުމުގެ މަސައްކަތް ފަށާފައެވެ. ދެވަނަ ބުރުގައިވެސް 350 ބައިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މި ބުރުގެ ޓްރެއިނިންތައް އަންނަ ޖެނުއަރީ މަހު ފެށޭނެއެވެ.

ސަރުކާރުން ރާވާފައިވާގޮތުން، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

Rate this article

Leave a Comment

Comments (0)