-1766491919325.webp)
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ޖުމްލަ 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހުއެވެ. މި ޕްރައިމަރީ ބާއްވާނީ، ވާދަކުރަން ހުޅުވާލި ފުރުސަތުގައި އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާ ދާއިރާތަކުގައެވެ. އެ ޕާޓީން ވަނީ މި ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތަފްސީލްވެސް އާންމުކޮށްފައެވެ.
އެމްޑީޕީން ނެރެފައިވާ ލިސްޓަށް ބަލާއިރު، އަންނަ އަހަރު ބާއްވާ މި ޕްރައިމަރީގައި ވާދަކުރާ 152 ކެންޑިޑޭޓުންގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި، ރަށު ކައުންސިލް ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުން ހިމެނެއެވެ.
ސިޓީތަކުގެ މޭޔަރުންނަށް ޓިކެޓް ދިނުމަށް އެމްޑީޕީން ޕްރައިމަރީ ބާއްވާނީ ދެ ސިޓީއެއްގައެވެ. އެއީ މާލެ ސިޓީ އާއި ތިނަދޫ ސިޓީގައެވެ. މި ދެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާފައިވަނީ ކޮންމެ ސިޓީއަކަށްވެސް ދެ ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.