-1766775590429.webp)
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވަމުން، އެ ދުވަހަކީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިން ދުވަހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ އެ ހަނދާންތައް އާކުރައްވައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، 19 އަހަރު ފަހުންވެސް ސުނާމީ ކާރިސާއަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން އަބަދުވެސް އާކޮށްދޭ ދުވަހެއްގެ ގޮތުގައެވެ.
ސުނާމީ ކާރިސާ ކުރިމަތިވިއިރު، އޭރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. މި ބިރުވެރި ކާރިސާއަށްފަހު، ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިން ދެއްކި އަޅައިލުމާއި އޯގާތެރިކަމަކީ، ދިވެހި ސަގާފަތުގެ ވަރަށް ރީތި މިސާލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. މި ކާރިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ދިވެހި ސިފައިންނާއި ފުލުހުން ގުޅިވަޑައިގެން، ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެއްޓެވިއެވެ.
ހާލުގައި ޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލެއްވި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ބޯފެނާއި، ބޭހާއި، ކާބޯތަކެއްޗާއި، އަންނައުނު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދެވުނެވެ.
ދިވެހިން ދައްކުވައިދިން މިފަދަ އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެ ހަނދާން އާކުރުމުގެ ގޮތުން، 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ދިވެހިން ފާހަގަކުރަމުން އަންނަނީ "ގައުމީ އެއްބައިވަންތަކަމުގެ ދުވަސް" ގެ ގޮތުގައެވެ.