-1766741550021.webp)
އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީ (އީ.އާރު.އޭ) ގެ ހުއްދަ ނުހޯދާ، ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީ ކުރުމުގެ މަސައްކަތްކުރި މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑް، 20000 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާކުރެވުނީ ތިމާވެށި ރައްކާތެރިކުރުމުގެ ޤަވާއިދުތަކާ ޚިލާފަށް ޢަމަލީ މަސައްކަތް ފެށުމުން ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
އީ.އާރު.އޭ އިން މަންތާ ކުންފުނި ޖޫރިމަނާކޮށްފައިވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީ.އައި.އޭ) ހެދުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، ޤަވާއިދުގައި ބަޔާންކުރާ ގޮތަށް ސްކްރީންކޮށް، ތިމާވެއްޓަށް އަސަރުކުރޭތޯ ބަލާ ރިޕޯޓު ހުށައަޅާ އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެތީއެވެ.
އެހެންނަމަވެސް ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމަށްޓަކައި މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑުން އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލާ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްކޮށްފައިވެއެވެ. މިކަމަކީ އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ ވިހި ހާސް ރުފިޔާއިން އެކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.
އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކާ ޚަލާސް ކުރުމަށް މަންތާ އެވިއޭޝަނަށް އަންގާފައެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ޤަވާއިދާ އެއްގޮތަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށައަޅާ، ކަނޑައެޅިފައިވާ މަރުޙަލާތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްވެސް އެ އޮތޯރިޓީން ވަނީ ނަސޭޙަތްތެރިވެފައެވެ.
މަންތާ އެވިއޭޝަނުން ދަނީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. އަދި އެކުންފުނީގެ ފްލީޓު ބޮޑުކޮށް އޮޕަރޭޝަން ފުޅާކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.