navLogo

ތިން އަހަރު ފުލްޓައިމްކޮށް ކިޔެވުމުން ނޫނީ ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލު ނުކުރާނެ

ތިން އަހަރު ފުލްޓައިމްކޮށް ކިޔެވުމުން ނޫނީ ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލު ނުކުރާނެ
ސޯޝަލް މީޑިޔާ
މަރިޔަމް

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ރާއްޖޭގައި ހިންގާ ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ) ޕްރޮގްރާމްތަކާ ގުޅޭގޮތުން މުހިންމު ނިންމުމެއް ނިންމައިފިއެވެ. އެ ނިންމުމާއެކު، ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުކުރެވޭނީ މަދުވެގެން ތިން އަހަރު ފުލްޓައިމްކޮށް ކިޔަވައިގެން ނަމައެވެ.

އެމްކިއުއޭއިން ވިދާޅުވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާއި ގުޅޭގޮތުން ޢަމަލުކުރާނެ ވަކި ޚާއްޞަ އުސޫލެއް މިވަގުތު ލިޔެވިފައި ނެތްކަމުގައި ވީނަމަވެސް، ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ޑޮކްޓޯރަލް ޑިގްރީ ޤަބޫލުކުރުމާއިގުޅޭ މިންގަނޑެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އެ އުސޫލުގައި ބަޔާންކުރާ މިންގަނޑު، ރާއްޖޭގައި ނުވަތަ ރާއްޖެއާއި ރާއްޖޭން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަތުބީގުކުރުމަށް، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ނިންމާފައިވާ ކަމަށް އެމްކިއުއޭއިން ހާމަކުރެއެވެ.

އެގޮތުން، ފުލް ޓައިމް މުއްދަތުކަމަށް ބަލާނީ، އެމް.އެން.ކިއު.އެފް (މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކް) ގައިވާ ގޮތަށް މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެވެ. ޕާރޓް ޓައިމް މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތު ދެ ގުނަ މުއްދަތެވެ. ނުވަތަ އެޕްރޮގްރާމް ހިންގާ މަރުކަޒުން ކަނޑައަޅާ ޕާރޓް ޓައިމް މުއްދަތަކަށް ވާންވާނީ، ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތަށްވުރެ މަދުނޫން މުއްދަތެކެވެ.

އެމްކިއުއޭއިން އިތުރަށް ވިދާޅުވެފައިވަނީ، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ އަދި ގިނަ ޢަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3,600 ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، ވަޒީފާ އަދާކުރާ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާރޓްޓައިމް އުސޫލުން ކިޔެވުމަށް އެމްކިއުއޭއިން ވަނީ އަންގާފައެވެ. ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ޚާއްޞަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެގެންދާނެ ކަމަށް އެމްކިއުއޭއިން ބުނެއެވެ. މިކަމާ ގުޅޭގޮތުން ޢަމަލުކުރުމަށް މަތީ ތަޢުލީމާއި ތަމްރީނުދޭ ހުރިހާ މަރުކަޒުތަކަށް ވަނީ އަންގާފައެވެ.

Rate this article

Leave a Comment

Comments (0)