
2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމު އޮންލައިންކޮށް ހުށަހެޅުމަށް ބަދަލުކުރުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކަށް މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދުއެވެ.
އީސީން ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޢަދާލަތު ޕާޓީ (އޭޕީ)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބައިވެރިވެފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމު ހުށަހަޅާނެ ގޮތާއި، ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އީސީން ވިދާޅުވިއެވެ. އަދި އިންތިޚާބާށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ޙޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއި، އެކޮމިޝަން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް އީސީން ވަނީ ހާމަކުރައްވާފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަކީ، އެކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް އީސީން ފާހަގަކުރެއްވިއެވެ.
އީސީން ވިދާޅުވީ، އާންމުންނާއި ސިޔާސީ ޕާޓީތަކަށް މިކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ.