އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި 23 ބާވަތެއް މިއަދު އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
ތަރުކާރީ އާއި މޭވާގެ ބާވަތްތައް ދޭތެރެ ދޭތެރެއިން އަގުބޮޑުވާ މައްސަލަ ވަރަށް ބޮޑެވެ. އަދި ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބި، ތަކެތީގެ އަގު ބޮޑުވާ މައްސަލަވެސް ފެންމަތިވެއެވެ.
މިކަމަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ދޮންކެޔޮ
އާފަލު
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު
ރަތް ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
ލޮނުމެދު
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
މި ބާވަތްތަކުގެ އިތުރުން ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތިކަމުގައި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ނިންމެވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ބާވަތްތައް އޮކްޓޯބަރު 13 ގައި ލިބެން ހުންނަންޖެހޭނެކަން އެސްޓީއޯއިން ޔަގީންކުރަންޖެހޭނެެއެވެ.