
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށާއި އަނބުރާ އިއާދަކުރުމަށް އެމްޑީޕީއިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު އެމްޑީޕީ މައި އޮފީހުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ސޯލިހް ފާހަގަކުރެއްވި ގޮތުގައި، ގާނޫނު އަސާސީއަށް ގެންނަ މި ބަދަލުތަކުގެ ތެރޭގައި އަސާސީ ހައްގުތަކާ ބެހޭ ގިނަ މާއްދާތަކަށް ބަދަލު ގެނައުން ހިމެނެއެވެ. "އަސާސީ ހައްގުތަކާ ބެހޭ ކިތަންމެ މާއްދާ އެއް ބަދަލު ކޮށްފި،" ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތައް ގަނޑުކޮށް އަތްދަށަށް ގެނައުމުގެ ގިނަ މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ގާނޫނު އަސާސީއަށް ގެންނަ މި ބަދަލުތަކާ މެދު އާންމުންގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ސަރުކާރު ގެނައުމަށް އިސްކޮށް މަސައްކަތް ކުރި އާންމު ރައްޔިތަކު ވެސް "ސަރުކާރުން ކުރާ ހަމަ އެކަނި ކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނައުން،" ކަމަށް ބުނި ކަމަށެވެ. ގާނޫނު އަސާސީއަކީ އެތައް ބަޔަކު އެތައް ދުވަހަކު މަޝްވަރާ ކޮށްގެން އެކުލަވާލާފައިވާ އެއްޗެއް ކަމަށާއި، އެންމެ މީހަކު ބޭނުންވީމަ ކުއްލިއަކަށް ބަދަލު ކުރާތަން ފެންނަމުންދާތީ އާންމުން ވެސް ކަންބޮޑުވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ ގާނޫނު އަސާސީ އަށް ގެންނަ މި ބަދަލުތައް ހުއްޓުވުމަށާއި އަދި އަނބުރާ އިއާދަ ކުރުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑުކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރަށް ދޭންޖެހޭ ވަގުތު ދެވިއްޖެ ކަމަށާއި ދެން އޮތީ އެ މަސައްކަތް ފަށައިގަތުން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ އެ މަސައްކަތްތައް ސަރުކާރަށް ދޭންވާ ވަގުތު ދީފައި އަޅުގަނޑުމެން މި ފަށައިގަންނަނީ،" ސޯލިހް ވިދާޅުވިއެވެ. އެކަން އެގޮތައް އެމްޑީޕީއަށް ކުރެވޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.