navLogo

ޓެރަރިޒަމްގެ 3 ދައުވާއެއް ސާބިތުވެ، ހޫދު 23 އަހަރަށް ޖަލަށް

ޓެރަރިޒަމްގެ 3 ދައުވާއެއް ސާބިތުވެ، ހޫދު 23 އަހަރަށް ޖަލަށް
ޕީއެސްއެމް ނިއުސް
މަރިޔަމް

ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޫދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2022 ވަނަ އަހަރު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ކުރި ހަރަކާތަކުންނެވެ. ކްރިމިނަލް ކޯޓުން ހޫދުގެ މައްޗަށް ސާބިތުކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށާއި، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށެވެ.

މި ތިން ދައުވާއަށް އިއްވާފައިވާ ޖަލު ހުކުމްތަކަކީ:

  • - ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށަށް: 15 އަހަރުގެ ޖަލު ހުކުމެއް

  • - ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށަށް: 5 އަހަރުގެ ޖަލު ހުކުމެއް

  • - ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށަށް: 3 އަހަރުގެ ޖަލު ހުކުމެއް

މި ހުކުމްތަކާއެކު، ހޫދުގެ މައްޗަށް ޖުމްލަ 23 އަހަރުގެ ޖަލު ޙުކްމްއެއް ވަނީ އިއްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ހޫދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާހަމައަށް، ތަފާތު އެކި ދުވަސްމަތިންނާއި ތަފާތު އެކި ނަންނަމުގައި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުން ހުރި ވަކި ވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް ޖުމްލަ 5 ދަޢުވާއެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި އިރު، ހޫދުގެ މައްޗަށް 5 ދައުވާއެއް އުފުލާފައިވީ ނަމަވެސް، އޭގެ ތެރެއިން 3 ދައުވާއެއް ސާބިތުވިއިރު، އަނެއް 2 ދައުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. ސާބިތުނުވި ދެ ދައުވާއަކީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.

Rate this article

Leave a Comment

Comments (0)