navLogo

ބަނޑުގައިވާ ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއްކަން ދެނެގަތުމަށް ޓެސްޓު ހެދުން ލާޒިމުކުރާ އިސްލާހެއް ހުށަހަޅައިފި

ބަނޑުގައިވާ ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއްކަން ދެނެގަތުމަށް ޓެސްޓު ހެދުން ލާޒިމުކުރާ އިސްލާހެއް ހުށަހަޅައިފި
redhan online
މަރިޔަމް ޝިޔާނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ. މި އިސްލާހުގެ ދަށުން ބަނޑުގައިވާ ދަރިފުޅަކީ ލޭއަޅާ ބައްޔަށް ވާރުތަވެފައިވާ ކުއްޖެއްކަން ކުރީބައިގައި ދެނެގަތުމަށް ސިއްޙީ ޓެސްޓުތައް ހެދުން ލާޒިމުވާނެ އެވެ.

 މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް މުއިއްޒު އެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވި މައްސަލައިގަ އެވެ.

ބިލް ތަސްދީޤު ކުރުމަށްޓަކައި ފޮނުއްވުމަށްފަހު އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ބައެއް ހުށަހެޅުންތައް ލިބިފައިވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

 އެ ހުށަހެޅުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މުހިންމު ބަދަލުތަކެއް ކަމަށާއި، މި އިސްލާހުތަކާއެކު ބިލް ފާސްކުރުމަކީ ބިލުގައި ބަޔާންކުރާ މަޤުސަދުތައް ހާސިލުކުރުމަށް ޤާނޫނަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ހިމެނެނީ، މާބަނޑު ދުވަސްވަރުގައި ގަރުބަގައިވާ ތުއްތު ދަރިފުޅަކީ ލޭއަޅާ ބަލި ނުވަތަ ތެލަސީމިއާ މޭޖާ ބަލި ވާރުތަވެފައިވާ ކުއްޖެއްކަން ކުރީބައިގައި ސިއްޙީ ޚާއްސަ މިންގަނޑަކުން ކަށަވަރު ކުރުމަށްޓަކައި ސިއްޙީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުމެވެ.

 އަދި އެފަދަ ޓެސްޓަކުން ލިބޭ ނަތީޖާއަކާ ގުޅިގެން އަމަލުކުރަން ކަނޑައަޅާ ޚާއްސަ ޤަވާއިދާއި އުސޫލާއެއްގޮތަށް އެ ކެރިއާ ދެމަފިރިން އަމަލުކުރުން ލާޒިމުކުރަން ވެސް މި އިސްލާހުގައި ހިމަނާފައިވެ އެވެ.

މި އިސްލާހުގެ މަޤުސަދަކީ، ދިވެހިރާއްޖެއިން ތެލަސީމިއާ ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބި، އުފަންވާ ކުދިންގެ ތެރެއިން މި ބައްޔަށް ވާރުތަވާ ކުދިންގެ އަދަދު މަދުކުރުން ކަމަށް ސަރުކާރުން ބެލެ އެވެ. މި ބިލަށް މަޖިލީހުން އަލުން ވިސްނަވާ، މި އިސްލާހުތަކާއެކު ފާސްކުރައްވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

 

މީގެ އިތުރުން ގާނޫނުގެ ދަށުން ތެލަސީމިއާ އަދި އަދަ ހިމޮގްލޮބިނޯޕަތީސް ހުންނަ މީހުން ކަނޑައަޅައި ދަފްތަރު ބަލަހައްޓަން ފެށުމާއެކު އެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުން އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް މަހުން މަހަށް ދެވޭ މާލީ އިނާޔަތެއް ދައުލަތުން ހަމަޖައްސައި ދެވިދާނެ ކަމަށް ކަމަށް އިސްލާހުގައިވެ އެވެ.އިސްލާހުގައި ވަނީ އަގަކާ ނުލައި ތެލަސީމިއާއަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ކަނޑައެޅުމަށް ހިމަނާފަ އެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356