
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލުން ރަޝިއާގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެއޮރޯފްލޮޓް އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ. މިކަމުގެ ސަބަބުން، ވެލާނާ އެއަރޕޯޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ދަތުރުފަތުރުގެ ކަންކަން މަތީ ފެންވަރެއްގައި ކުރިއަށް ގެންދެވޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއެވެ.
އެއޮރޯފްލޮޓް އެއަރލައިނަށް ވީއައިއޭ ޓަރމިނަލް 1އިން ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޓަރމިނަލް 1 ގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓު އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ޙުސައިން ފަޙުމީއެވެ.
މި ރަސްމިއްޔާތުގައި އެއޮރޯފްލޮޓުގެ ޖެނެރަލް މެނޭޖަރ އޮފް ދަ މޯލްޑިވްސް އެވެންގީ ރަޓުޝްނީ، ކޮންސަލް އޮފް ދަ ރަޝިއަން ފެޑެރޭޝަން އިން ދަ މޯލްޑިވްސް އަލެސްކި އިޑަމްކިންއާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އެކްސްކޯ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެއޮރޯފްލޮޓްއާއެކު ޓަރމިނަލް 1 އިން މިހާރު ޖުމްލަ 39 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ދަތުރު ކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.