އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގެ ޚިދުމަތް ހޯދަން އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ރަށަކަށް ދިޔުންވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން މި ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހެކެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އުުފުލަން ޖެހިފައިވާ ބުރައަށް ނިމުމެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.އެގޮތުން "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާއްސަ މަޝްރޫޢެއް ފައްޓަވާފައެވެ.މި މަޝްރޫއުގެ ދަށުގެ މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށް ޙިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޙިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ގއ، އަދި ގދ އަތޮޅުގައެވެ. ގއ، ގދ. އަތޮޅު ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅު ހިމެނެއެވެ.އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ބެހެއްޓޭ އޭޓީއެމްތަކަކީ 24 ގަޑިއިރު ފައިސާ ނެގޭ އަދި ފައިސާ ޖަމާކުރެވޭ ސެލްފް ސަރވިސް އޭޓީއެމްތައްކެވެ. އަދި މި އޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިންގެ އެހެނިހެން ބައެއް ޚިދުމަތްތައްވެސް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.