
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޅި 4000 ހައުސިންގ ޔުނިޓުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެފްޑީސީން މި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 3879 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށާއި، އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކާވެސް އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.
ފްލެޓު ހަވާލުކުރުން ލަސްވެގެންދިޔަ ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތްތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. "މި ސަރުކާރު ހަވާލުވީއިރު މަސައްކަތް ނިމިފައިވަނީ %33، 2 އަހަރު ތެރޭ %68 މަސައްކަތް ނިންމާ، ފެނާ ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމާ، ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމާ، މިހާރު ފްލެޓުތައް ހަވާލުކުރަމުން އެދަނީ،" ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
ތަޅުދަނޑި ހަވާލުކުރެވެނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމަވާފައެވެ. އަދި ފްލެޓްތައް ހަވާލުކުރެވެނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.
މި ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަންޖެހޭ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަގުތަކަށް ބަދަލުގެނެސްދެއްވާފައެވެ. އެގޮތުން، މިހާރު 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8,500 ރުފިޔާ އަދި ކުލީގެ ގޮތުގައި މަހަކު 10,000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6,000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7,000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.
މި ގެނައި ބަދަލުތަކާއެކު، ޑައުންޕޭމަންޓުގެ ގޮތުގައި ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހޭނެއެވެ.